Saturday, May 7, 2011

ދެ މިނިސްޓަރެއްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެފި

އަހުމަދު ނާއިފު

ފިނޭންސް މިނިސްޓަރު އަހުމަދު އިނާޒް އާއި ހޯމް މިނިސްޓަރު ހަސަން އަފީފުގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީސް ހުޅުވުނުހާ އަވަހަކަށް ވައްދާނެ ކަމަށް އިދިކޮޅު ފަރާތްތަކުން މިއަދު ބުނެފި އެވެ.

ދާދިފަހުން މަޖިލީހުން ރުހުން ދީފައިވާ އިނާޒް އާއި އަފީފްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމުގައި އިދިކޮޅު ފަރާތްތަކުން އިސްކޮށް އުޅުއްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް މިއަދު ވިދާޅުވީ އެ ދެ ބޭފުޅުންގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގުމަށް ނިންމަން ޖެހޭ ލިޔެކިޔުންތައް ނިމިފައިވާ ކަމަށާއި މަޖިލީސް ހުޅުވުނުހާ އަވަހަކަށް އެ މައްސަލަ މަޖިލީހަށް ވައްދާނެ ކަމަށެވެ.


"އެ ބޭފުޅުންގެ ކަންތައްތައް ހުރި ގޮތުން އަޅުގަނޑުމެން މިހާރު އިނާޒް އާއި އަފީފުގެ މައްސަލަ މަޖިލީހަށް ވައްދަން ތައްޔާރުވެފައިމިތިބީ. މިހާރު މަޖިލިސް ޗުއްޓީގައި އޮތީމާ މިތިބީ،" އިދިކޮޅު ފަރާތްތައް އިސްވެ ތިބެ ނަގަން މަސައްކަތް ކުރާ އިތުބާރު ނެތް ކަމުގެ ވޯޓާ ގުޅޭ ގޮތުން މަހުލޫފް ވިދާޅުވި އެވެ.


ސަރުކާރުގެ މުހިންމު ދެ ވަޒީރެއްގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގާނެ ކަން ފުރަތަމަ ފަހަރަށް އާންމުކޮށް އިއުލާންކޮށްފައި ވަނީ ޒުވާނުންނާއި ސިޔާސީ ޕާޓީތަކުން އިސްވެތިބެ މިހާރު ކުރަމުން އަންނަ ސިލްސިލާ މުޒާހަރާތަކުގެ ހަ ވަނަ ރޭ، ރޭ އެއްވެ ތިބި މީހުންނާ ވާހަކަ ދެއްކެވި މަޖިލީހުގެ އިދިކޮޅު މެންބަރުންނެވެ.


މަޖިލީހުގެ ފުރިހަމަ އަޣުލަބިއްޔަތަކުން ރުހުން ލިބިވަޑައިގެން ހުންނެވި އައު ފިނޭންސް މިނިސްޓަރު އިނާޒްގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގަން މަސައްކަތް ކުރަނީ ޑޮލަރުގެ އަގު ބޮޑުކޮށް އަދި ކާބޯތކެތީގެ އަގު ބާޒާރުގައި ބޮޑުވުމުން އެ ކަމަށް އިގްތިސޯދީ ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައިނުވާތީ ކަމަށް އިދިކޮޅު މެންބަރުން ވިދާޅުވެ އެވެ.

އަދި ހަނި އަޣުލަބިއްޔަތަކުން މަޖިލީހުން ރުހުން ދެއްވާފައި ހުންނެވި ދާހިލީ ވަޒީރު އަފީފުގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓު ނަގައި މަގާމުން ދުރުކުރަން މަސައްކަތް ކުރަނީ ފުލުހުންނަށް ޣައިރު ގާނޫނީ އަމުރުކޮށްގެން ސުލްހަ ވެރިކަމާ އެކު ޝުއޫރު ފާޅުކުރާ އާންމު ރައްޔިތުންނަށް އަނިޔާކުރާތީ ކަމަށްބުނެ އެވެ.

ކެބިނެޓް ވަޒީރެއްގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގުމަށް މަދުވެގެން މަޖިލީހުގެ 10 މެންބަރަކު ސަބަބު ބަޔާންކޮށް ސޮއިކޮށްފައިވާ ލިޔުމެއް މަޖިލީހަށް ހުށަހަޅަން ޖެހޭނެ އެވެ.


މީގެ ކުރިން ވެސް މަޖިލީހުން ވަނީ ރައީސް ނަޝީދުގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ ގިނަ ވަޒީރުންތަކަކަށް ރުހުން ނުދީފަ އެވެ. އޭގެ ތެރޭގައި ކުރީގެ ބަންޑާރަނައިބު އަހުމަދު އަލީ ސަވާދާއި ކުރީގެ ފިނޭންސް މިނިސްޓަރު އަލީ ހާސިމާއި އަދި ކުރީގެ ފިޝަރީސް މިނިސްޓަރު އަދި މިހާރުގެ އެމްޑީޕީގެ ރައީސް ޑރ. ޑީޑީ ހިމެނިވަޑައިގަންނަވަ އެވެ. 


http://sun.mv/7308 

No comments:

Post a Comment