Sunday, May 8, 2011

ސުލްހަވެރި ޒުވާނުން



މަޝްހޫރު ‘ބާރަ ތޭރަ’ ރާއްޖޭގެ ސިޔާސީ މަޝްރަހަށް ގުޑުން ގެނުވާލި ހަރަކާތެކެވެ. އިދިކޮޅު ފަރާތްތަކުން އޭރުގެ ސަރުކާރާއި ހިތްހަމަ ނުޖެހޭތީ ޖުމުހޫރީ މައިދާނަށް އެއްވެ ސަރުކާރާއި ދެކޮޅަށް އޮތް ހިތްހަމަނުޖެހުން އަޑުގަދަ ކުރާ ބޭނުންކޮށްގެން އިއްވަމުން ދިޔައީ ‘ހައްލެއް’ ލިބޭތޯއެވެ. ގިނަ ވަގުތުތަކެއް އެމައިދާނުގައި ތިއްބާ ފުލުހުންގެ އިންޒާރުތަކާއި އެކު ފުލުހުން އެއްވެ ތިބި މީހުން ފަހައި ދުއްވައިތަކެވެ. އެކަންތައްގަނޑުގެ ތެރޭގައި ފެނިގެންދިޔައީ  ‘ސުލްހަވެރި ޒުވާނުން’ތަކެއް އެތަނުގައި ހަރަކާތްތެރިވީތަނެވެ.  އޭރުގެ ފޮޓޯތަކަށް ބަލާލުމުން ‘ސުލްހަވެރި ޒުވާނުން’ ގެ އަތުގައި ދަގަނޑު ބުރީގެ އިތުރުން ތަފާތު އާލަތްތައް ހިފައިގެން ތިބިތަން ފެންނާނެއެވެ. އަދި އޭގެ އިތުރުން މާލޭގައި އެކި ސަރަހައްދުތަކުގައި މުޒާހަރާ ކުރާ މީހުންނާއި ކުރިމަތިލި ‘ސުލްހަވެރި ޒުވާނުން’ގެ ވާހަކަ އޭރުގެ ސަރުކާރުގެ މީޑިއާތަކުން ދިޔައީ ގޮވަމުންނެވެ. ހިނގާލުންތަކަށް ‘ސުލްހަވެރި ޒުވާނުން’ ހުރަސް އެޅިވާހަކައާއި ބައެއް ޕާޓީތަކުގެ މުޒާހަރާތަކުގައި ‘ސުލްހަވެރި ޒުވާނުން’ ހަރަކާތްތެރިވާ ވާހަކަ ދިޔައީ އިވެމުންނެވެ.
މިއީ އޭގެ އެތައް އަހަރު ފަހެވެ. ‘ރައްޔިތުން ހަނާ ވާތީ’ މާލޭގައި ބޭއްވި އެއްވުމުގެ ވަކި ހިސާބަކުން ‘ސުލްހަވެރި ޒުވާނުން’ ތަކެއް ފެންމަތިވެ މުޒާހަރާގެ ލީޑަރުންގެ ބަސްނާހާ އަލިފާން ބޯޅަ އުކާ އެތައް ހައިޖާނެއް ވަނީ ހިންގާފައެވެ. ‘ސުލްހަވެރި ޒުވާނުން’ މައިތިރި ނުކުރެވުމުން މުޒާހަރާވެސް އެންމެ ފަހުން ނިންމާލީއެވެ.މުޒާހަރާ ނިންމާލުމުންވެސް އެބުނާ ‘ސުލްހަވެރި ޒުވާނުން’ އެތަނުން ނުދިޔުމުން ފުލުހުންވަނީ އެމީހުން ހައްޔަރު ކޮށްފައެވެ.
މިހާހިސާބުން އުފެދޭ ސުވާލަކީ އެބުނާ ‘ސުލްހަވެރި ޒުވާނުން’ނަކީ ކޮން ބައެއްބާއެވެ؟ ކުރީ ސަރުކާރުގެ ހަތުރުން ބުނާގޮތުގައި އޭރުގައި ފެންމަތިކުރުވި ‘ސުލްހަވެރި ޒުވާނުން’ މައިތިރި ނުވެގެން ގޭންގުތަކަށް ބަދަލުވީއެވެ. ސިޔާސީ ކަންކަމުގެ ބޭނުންތަކަށް ކޮންމެ ޕާޓީއަކުންވެސް ‘ސުލްހަވެރި ޒުވާނުން’ނަށް ފައިސާކޮޅެއް ދީފައި އެމީހުން ބުނާ ގޮތްގޮތަށް އަޑުއުފުލާ، މުޒާހަރާތަކަށް ހުރަސް އަޅާ ތަފާތު ހަރަކާތްތައް ހިންގާކަމަށް އަޑުފެތުރިފައިވެއެވެ. ދާދިފަހުން ޓީވީއިން ދެއްކި ޕެނަލް ޑިސްކަޝަންއެއްގައި ވާހަކަ ދެއްކެވި ‘ކަމާއިބެހޭ’ ބޭފުޅުންގެ ވާހަކައިގެ ހުލާސާއަކީ މިކަމުގެ އަޑީގައި ‘ކޮންމެވެސް ބަޔަކު’ އެބަތިބި ކަމަށެވެ. އެމީހުންނަކީ ވިޔަފާރިވެރިންކަމަށްވެސް ސިޔާސީ ބޭފުޅުންކަމަށްވެސް ވެދާނެއެވެ. މީގައި ފާހަގަ ކޮށްލެވޭ ނުކުތާއަކީ ރާއްޖޭގައި ގިނަ ސިޔާސީ ބޭފުޅަކީ ‘ވިޔަފާރިވެރިން’ނެވެ. އެހެންކަމުން އެބޭފުޅުންގެ ސިޔާސީ ‘އެދުން ފުއްދުމަށް’ ބޭނުންކުރާ ހަތިޔާރަކީ ‘ސުލްހަވެރި ޒުވާނުން’ ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެއެވެ.
ރާއްޖޭގައި މިހާރު އެންމެ ބޮޑު މައްސަލައަކީ ‘ޒުވާނުންގެ އަހުލާގު ގޯސްވެ ކުށްތަކަށް އަރައިގަތުން އެޒުވާނުން ކުރީގައި އުޅުން’ ކަމުގައި ގިނަ ބަޔަކު ބުނާއިރު އެޒުވާނުންކީ ހުރިހާ ސިޔާސީ ޕާޓީތަކުގައި ހަރަކާތްތެރިވާތަން ފެންނަ ބަޔެކެވެ. އެކިއިރު އެކި ބޭފުޅުންގެ ‘ކޮމާންޑް’ގެ ދަށުން މުޒާހަރާތަކަށްވަދެ ހަމަނުޖެހުން ހިންގުމުގައި އެ’ސުލްހަވެރި ޒުވާނުން’ ބޮޑު ރޯލެއް އަދާކުރެއެވެ. ބާރަ ތޭރަ ގެ ހަދިސާގައިވެސް މޫނުގައި ފޮތިގަނޑު އަޅައިގެން އެއްވި މީހުންނައި ދިމާއަށް ލަޓިބުރި ހިފައިގެން ދުވީ ‘ސުލްހަވެރި ޒުވާނުން’ ކަމަށްވީތީ މިއަދުވެސް މަގުމަތިން ކަޓަރު އަޅަމުން އެދުވަނީ ހަމަ އެ ‘ޒުވާނުންކަމަށް’ ގަބޫލުކުރެވެއެވެ.
ކުށްވެރިންނަށް ނުވަތަ ހަމަނުޖެހުން އުފައްދާ މީހުންނަށް ކިތައްމެ ރީތި ނަމެއް ދީގެން އެމީހުން ރުއްސި ނަމަވެސް ކޮންމެވެސް ދުވަހަކުން އެމީހުންގެ ދުއްޕާން ކުރިމަތިލާންޖެހޭނެކަން މިއަދު މިވަނީ ފެންނަން ފަށާފައެވެ. އެހެންކަމުން ޖަލުތަކުގައި ބަންދުކޮށްފައިތިބި މީހުންނަކީ ‘ސިލްހަވެރި ޒުވާނުން’ކަމަށް ހަދައިގެން މުޖްތަމައުއަށް ދޫކޮށްލުމުގެ ކުރިން ‘ސުލްހަވެރި ޒުވާނުން’ގެ ބޮޑު މަންޒަރު އާންމުންނަށާއި ކަމާއި ބެހޭ ފަރާތްތަކަށް ފެންނަން ޖެހެއެވެ. ކުރީ ސަރުކާރުގެ މީޑިއާތަކުން ‘ހީރޯ’އިންގެ ގޮތުގައި ސިފަކުރި ‘ސުލްހަވެރި ޒުވާނުން’ގެ އުނދަގުލާއި ހުރެ ޤައުމު މިވަނީ ހަމަ ނޭވާލާން ދަތިވެފައެވެ

Saturday, May 7, 2011

ސަރުކާރުން ކުރާ، ރައްޔިތުން ނުރުހޭ ހުރިހާ ކަމެއް އަޅުގަނޑުގެ ބޮލުގައި އަޅުވަނީ އިތުރު ގޮތެއް ނެތިގެން: މައުމޫން

ހުސައިން ހަސަން

- މާލެ އައުން މަނާ ކުރެވޭނެ ގޮތެއް ނޯންނާނެ، ކެރިގެން މާލެ އަންނާނަން

މާލޭގެ ސިލްސިލާކޮށް ކުރާ މުޒާހަރާތަކަކީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫން އަބްދުލް ގައްޔޫމް އަޑީގައި ހުންނަވައިގެން ކުރާ މުޒާހަރާތަކެއް ކަމަށް ސަރުކާރުން ހިންގާ އެމްޑީޕީން އިއްޔެ ތުހުމަތު ކުރުމާ ގުޅިގެން، މައުމޫން އެކަމަށް ރައްދުދެއްވައި ވާހަކަފުޅު ދައްކަވައިފި އެވެ.

ތަކެތީގެ އަގު އުފުލުމާ ގުޅިގެން މާލޭގައި ކުރާ ސިލްސިލާ މުޒާހަރާތަކާއި ހަމަނުޖެހުންތަކުގެ އިލްޒާމް މައުމޫންގެ އިސްތަށިފުޅުގައި އެމްޑީޕީން އެޅުވުމާ ގުޅިގެން، އިންޑިއާގައި ހުންނަވައިގެން ދިޓީވީއަށް ދެއްވި އިންޓަވިއުއެއްގައި މައުމޫން މިއަދު ވިދާޅުވީ ސަރުކާރުން ކޮންމެ ކަމެއް ވެސް އެމަނިކުފާނުގެ ބޮލުގައި އަޅުވަނީ އިތުރު ގޮތެއް ނެތިގެން ކަމަށެވެ. އަދި ރައްޔިތުން ނުރުހޭ ހުރިހާ ކަމެއް ކުރަނީ ސަރުކާރުން ކަމަށާއި ސަރުކާރު ހިންގާ އެމްޑީޕީން ދައްކާ ވާހަކަތަކަކީ ދެކޮޅު ނުޖެހޭ ވާހަކަތަކެއް ކަމަށެވެ.

"މިހާރުގެ ސަރުކާރުން ކޮންމެ ކަމެއް ވެސް އަޅުގަނޑުގެ ބޮލުގައި އަޅުވަނީ މިއީ އެނޫން ގޮތެއް އެމީހުންނަށް ފެންނަން ނެތީ ކަންނޭނގޭ. މުދަލުގެ އަގު ބޮޑުވީކީ އަޅުގަނޑު ކުރި ކަމަކުންނެއް ނޫން. ޑޮލަރުގެ އަގު ބޮޑުވީ އަޅުގަނޑު ކުރި ކަމަކުންނެއް ނޫން. އެތައް ހާސް މުވައްޒަފުންނެއް ކަނޑާލީކީ އަޅުގަނޑެއް ނޫން. އެތައް ބައެއްގެ މުސާރަ ކުޑަކުރީކީ އަޅުގަނޑެއް ނޫން. ރައްޔިތުން ނުރުހޭ ހުރިހައި ކަމެއް މިހާރުގެ ސަރުކާރުންކޮށްފާ ދެން އަޅުގަނޑުގެ ބޮލުގައި މިއަޅުވަނީ މުޒާހަރާ މިހިންގަނީ އަޅުގަނޑޭ،" މާލޭގައި ކުރާ މުޒާހަރާތަކަށް ތާއީދު ކުރައްވާ ވާހަކަފުޅު ދައްވަމުން ކުރީގެ ރައީސް އަދި ޑީއާރްޕީގެ ޒައީމް މައުމޫން ވިދާޅުވި އެވެ.

މާލޭގައި ކުރާ ސުލްހަވެރި މުޒާހަރާތަކުގެ ހައްލެއް ކަމަށް މައުމޫން ވިދާޅުވީ ދުނިޔެ ގަބޫލު ކުރާ ފަދަ ތަޖުރިބާ އާއި މައުލޫމާތު ހުރި ބައެއްގެ ލަފާގެ މަތިން އިގްތިސާދީ ރަގަނޅު ޕްރޮގްރާމެއް ރޭވުން ކަމަށެވެ. އޭރުން ރާއްޖޭގެ އިގްތިސާދީ ހާލަތު ރަގަނޅުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މާލޭގެ އަމަން ނަގާލައި ހަމަނުޖެހުންތަކުގެ ފަހަތުގައި މައުމޫން ހުންނެވި ކަމަށް ތުހުމަތުކޮށް، ރާއްޖެއަށް މައުމޫނަށް ވަޑައިނުގެންނެވޭނެ ކަމުގެ އިންޒާރު ދެއްވައި ރީކޯ މޫސާމަނިކު ވިދާޅުވި ވާހަކަތަކަށް ރައްދުދެއްވާ އެމަނިކުފާނު ވިދާޅުވީ މާލެ އައުން މަނާކުރެވޭނެ ގޮތެއް ނޯންނާނެ ކަމަށާއި ވަރަށް ކެރިހެން ވަރަށް އަވަހަށް ރާއްޖެ ވަޑައިގަންނަވާނެ ކަމަށެވެ.
"ތި ދައްކާ ވާހަކަ އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭނެ. އިރާދަ ކުރެއްވިއްޔާ ވަރަށް އަވަހަށް މާލޭ ދާނަން. އަޅުގަނޑު މާލެ އައުން މަނާ ކުރެވޭނެ ގޮތެއް ވެސް ނޯންނާނެ. އަޅުގަނޑު ކެރިގެންދާނީ އިރާދަ ކުރެއްވިއްޔާ. އަޅުގަނޑަށް ކަމެއް ނުވެސް ވާނެ... އަޅުގަނޑު އެހެން ދައްކާ ވަހަކައަކަށް ޖެހިލުމެއް ވެސް ނުވާނެ އަދި ބިރެއް ވެސް ނުގަންނާނެ،" ރީކޯ މޫސަ އަށް ރައްދު ދެއްވައި މައުމޫން ވިދާޅުވި އެވެ.

ދެހާސް ތިން ވަނަ އަހަރު މާފުށީ ޖަލުގައި ބަޑި ޖަހައި ގައިދީންތަކެއް މަރާލި މައްސަލައާ ގުޅިގެން ރާއްޖެއިން ބައިވެރިވާން ނިންމާފައިވާ މުއާހަދާތަކުގެ ދަށުން ބައިނަލް އަގުވާމީ ކޯޓެއްގައި ދައުވާ ކުރައްވާނެ ކަމަށް އެމްޑީޕީން އިއްޔެ ބޭއްވި މުޒާހަރާގައި ރީކޯ މުސާ ވިދާޅުވެފައިވެ އެވެ. ނަމަވެސް އެ ވަހަކަތަކަށް މައުމޫން އަލިއަޅުވާލާފައެއް ނުވެ އެވެ.
މާލޭ އަށް ވަޑައިނުގެންނެވޭނެ ކަމަށް މޫސަ އިންޒާރު ދެއްވާފައިވާއިރު ނިމިގެންދިޔަ ލޯކަލް ކައުންސިލް އިންތިހާބު ތެރޭގައި ސަރަނގު އާދަމް މަނިކުގެ ޖަގަހަ ހުޅުވައިދެއްވުމަށް ފަހު ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވެސް ވަނީ މައުމޫނަށް މާލެ ވަޑިނުގަތުމަށް އިންޒާރު ދެއްވައި ވާހަކަފުޅު ދައްކަވާފަ އެވެ
އެފަހަރު މައުމޫނު މެލޭޝިޔާގައި ހުންނަވާފައި މާލެ ވަޑައިގަތީ ޑިސެންބަރު 31، ގައެވެ. މިވަގުތު މައުމޫން ހުންނެވީ އިންޑިޔާގަ އެވެ. 

http://sun.mv/7311 

ނޫސްވެރިންނަށް ގޯނާ ނުކުރުމަށް އެމްޖޭއޭ އިން ގޮވައިލައިފި

މުހައްމަދު ނަސީމް
އިއްޔެގެ މުޒާހަރާ ކަވަރުކުރަމުން ދިޔަ ނޫސްވެރިންނަށް ފުލުހުން އަނިޔާކޮށްފައިވާތީ އެމްޖޭއޭ އިން އެކަން ކުށްވެރިކޮށްފި
އިއްޔެގެ ހުކުރު ނަމާދަށް ފަހު ޖުމްހޫރީ މައިދާނުގައި ބަޔަކު ކުރި މުޒާހަރާ ހުއްޓުވުމަށް ފުލުހުން މަސައްކަތްކުރަމުން ދިޔަ ވަގުތު އެކަން ކަވަރުކުރުމަށް އެ ސަރަހައްދުގައި މަސައްކަތްކުރި ނޫސްވެރިންނަށް ފުލުހުން ޖިސްމާނީ ގޮތުން އަނިޔާކޮށް، ގޯނާކޮށްފައިވާތީ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން އެކަން ވަރަށް ބޮޑަށް ކުށްވެރިކޮށްފި އެވެ.

އެމްޖޭއޭ އިން މިއަދު އާއްމުކުރި ނޫސްބަޔާނެއްގައި ބުނެފައި ވަނީ "ކާބޯތަކެތީގެ އަގު އުފުލުމާ ދެކޮޅަށް ދިވެހިންގެ ތެރެއިން ގިނަ ބަޔަކު އިއްޔެގެ ހުކުރު ނަމާދަށް ފަހު ޖުމްހޫރީ މައިދާނުގައި ކުރި މުޒާހަރާ އާއި ރޭ ހެދިގޮނޑު ދޮށުން ފެށި މުޒާހަރާ ކަވަރު ކުރުމުގައި ޙަރަކާތްތެރިވި ނޫސްވެރިންނަށް ފުލުހުން ހުރަސް އަޅައި އެ ނޫސްވެރިންނަށް އަނިޔާކޮށް، އަނިޔާވާ ގޮތަށް ފުލުހުން ޢަމަލުކޮށްފައިވާތީ އެކަން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރި ކުރާ" ކަމަށެވެ.

އެމްޖޭއޭގެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި އިއްޔެގެ މުޒާހަރާގެ ހަބަރާއި މައުލޫމާތު ހޯދުމަށް ޖުމްހޫރީ މައިދާނުގައި ހަރަކާތްތެރިވަމުން ދިޔަ ނޫސްވެރިންގެ ގައިގާ ފުލުހުން ޝީލްޑްތަކުން ނާއި މުގުރުބުރިތަކުން ކޮއްޕައި ބިންމައްޗަށް ވައްޓާލުން ފަދަ ކަންތައްތައް ކޮށްފައިވެ އެވެ. އަދި އެފަދަ ގޮތަކަށް ނޫސްވެރިން އެމީހުންގެ ވާޖިބު އަދާކުރުމަށް ހުރަސް އެޅުމަކީ އެމްޖޭއޭ އިން އެއްގޮތަކަށް ވެސް ގަބޫލުކުރާ ކަމެއް ނޫން ކަމުގައި ވެސް އެބަޔާނުގައިވެ އެވެ.

މުޒާހަރާއެއް ކުރަމުންދާއިރު އެމުޒާހަރާގައި ބައިވެރިވާ މީހުންނާއި އެމުޒާހަރާގެ ހަބަރުތައް ގެނެސްދިނުމަށ މަސައްކަތް ކުރާ ނޫސްވެރިންނާ މެދު އެއް އުސޫލަކުން އަމަލުކުރުމަކީ ތަހުޒީބު އަދި ޑިމޮކްރެޓިކް ވެރިކަމެއް ކުރާ ބައެއްގެ ފަރާތުން ފެނިގެންވާނެ، އަދި އެއްވެސް ހަމައަކުން ގަބޫލުކުރެވޭނެ ކަމެއް ނޫންކަމަށް ވެސް އެމްޖޭއޭގެ ބަޔާނުގައިވެ އެވެ.
ރައްޔިތުން އެމީހުން ދުވަހުން ދުވަހަށް ނިންމަން ޖެހޭ ނިންމުންތައް ނިންމުމަށް ޓަކައި ބޭނުންވާ މައުލޫމާތު ފޯރުކޮށްދެމުންދާ ނޫސްވެރިންގެ ވާޖިބަށް ހުރަސް ނޭޅުމަށާއި ނޫސްވެރިންނަށް ހިމާޔަތް ދިނުމަށް އެމްޖޭއޭ އިން ވަނީ ފުލުހުންނަށް ގޮވައިލައިފަ އެވެ
 
http://sun.mv/7309 

ރީކޯ މޫސަގެ ކާރުން ބަނގުރާ ފެނުނު މައްސަލައިގައި ފުރުން މަނާ ކޮށްފައިވާ ލަންކާ މީހަކު ޕާސްޕޯޓް ހޯދަން ކޯޓްގައި ޝަކުވާ ކޮށްފި

މުންޑޫ އާދަމް ހަލީމް

އަންނަ ހަފުތާގައި މައްސަލަ އަލުން ޕީޖީއަށް ފޮނުވާނެ

ރާ އެތެރެކުރި އިސް މީހާ ވަނީ، ފިލައިގެން ގޮސްފަ


ރީކޯ މޫސާ މަނިކުގެ ކާރުގެ ޑިކީ ރާ ފުޅިތަކެއް ފެނުނު މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައ ސްރީލަންކާ މީހާ، މުހައިދީން މުހާއްމަދު ރާއްޖެއިން ފުރައިގެން ނުދެވޭގޮތަށް ކްރިމިނަލްކޯޓުން އަމުރުކޮށްފައިވާތީ، އޭނާގެ ޕާސްޕޯޓު ދޫކޮށްދިނުމަށް އެދި ޝަކުވާކޮށްފި އެވެ.

ކްރިމިނަލް ކޯޓުން ބުނީ މުހައިދީން މި މަހުގެ ދެ ވަނަ ދުވަހު އޭނާގެ ޕާސްޕޯޓު ދޫކޮށްދިނުމަށްއެދި އެ ކޯޓަށް ޝަކުވާގެ ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ. އެ ސިޓީއާ ގުޅިގެން، މައްސަލައިގެ އިންވެސްޓިގޭޓަރު ފުލުހުންގެ ސްޓާފް ސާޖަންޓް ޢަލީ ފާއިޒް ކްރިމިނަލް ކޯޓަށް ޙާޒިރުކޮށް ސުވާލުކުރުމުން މައްސަލަ ޕީޖީ އޮފީހުގައި ދެ މަސް ދުވަސް ވަންދެން ބޭއްވުމަށްފަހު، މައްސަލަ އަނބުރާ ޕޮލިހަށް ފޮނުވާފައި ވާކަމަށް ވިދާޅުވެފައިވާ ކަމަށް ކޯޓުން ބުންޏެވެ.

ކޯޓުން ބުނީ މި މައްސަލާމެދު ދަޢުވާކުރުމާއި މެދުގައި ގޮތެއް ނިންމައި ދިނުމަށްއެދި މިއަންނަ ހަފުތާގެ ތެރޭގައި މައްސަލަ އަނބުރާ ޕީޖީ އަށް ފޮނުވާނެ ކަމަށްވެސް ފުލުހުން ބުނެފައިވާ ކަމަށާއި މައްސަލައިގެ ތަޙްޤީޤް ހިނގަމުން ދަނިކޮށް، ރާފުޅިތައް އެތެރެކުރުމުގައި އެންމެ އިސްކޮށްހުރި މީހާ ފިލައިގެން ގޮސްފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވާ ކަމަށެވެ.

މުހައިދީން މުޙައްމަދުގެ ޕާސްޕޯޓް ހިފަހައްޓާފައި ވަނީ އޭނާގެ މައްޗަށް ޖިނާއީ މައްސަލައެއްގެ ތުހުމަތު ކުރެވިފައިވާތީ ދަޢުވާ ކުރުމާމެދު ގޮތެއް ނުނިމެނީސް ފުރައިގެން ދިއުމުގެ ހުއްދަދެވެންނެތުމުންނެވެ.

ރަލުގެ މި މައްސަލައިގާއި މުހައިދީން ބަންދުން ދޫކުރުމަށް އަމުރުކޮށްފައިވަނީ 'ބަންދުގައި ހުންނަތާ ދެ މަސްވީއިރު ވެސް މައްސަލައިގެ ތަހުގީހު ފުރިހަމަކޮށްފައި ނުވާތީ އާއި، ދަޢުވާ އުފުލުމަށްޓަކައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް މައްސަލަ ފޮނުވޭނެ ދުވަހެއް ވެސް ތަހުގީގުކުރާ ފަރާތަށް ޔަޤީންކޮށްދެވިފައި ނުވާތީ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ބުނެފަ އެވެ.

ކްރިމިނަލް ކޯޓްގެ އެ އަމުރާއެކު، ކޯޓުގެ ހުއްދަނެތި ރާއްޖެއިން ބޭރަށް ފުރައިގެން ނުދިއުމަށް ވަނީ މުހައިދީނަށް އަންގާފަ އެވެ.

މައްސަލައާއިގުޅިގެން މުހައިދީން މުޙައްމަދު ހައްޔަރުކުރި ދުވަހުން ފެށިގެން މިއަދާއިހަމައަށް އެއް އަހަރާއި ދެމަހާއި ދިހަދުވަސް ވަނީ ވެފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ރައީސް ރީކޯ މޫސަގެ ކާރުގެ ޑިކީ ތެރެއިން ބަނގުރާ ފެނިފައި ވަނީ ފެބުރުއަރީ 23،     2010ގައި މ. ކުރަހާގޭ ކައިރިންނެވެ. އެފަހަރު 160 ފުޅި ރާ ފެނުނެވެ. އެ ރާފުޅިތަކާ އެކު ހަތަރު ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ. އެއީ ސްރީލަންކާގެ ތިން މީހަކާއި އިންޑިޔާގެ މީހެކެވެ. އޭގެ ތެރޭގައި މޫސަގެ ކާރުގެ ޑްރައިވަރު ވެސް ހިމެނެ އެވެ.

މޫސަގެ ކާރުން ގިނަ އަދަދެއްގެ ރާ ފުޅިތަކެއް ފެނުމާ ގުޅިގެން ބައެއް މީހުން ވަނީ އެ ރާ ފުޅިތަކާއި ކާރު ބާއްވާފައި އޮތް ފުލުހުންގެ އިސްކަންދަރު ކޮށި ދޭއް ކައިރި އަށް އެއްވެ މޫސަ ހައްޔަރުކުރުމަށް އަޑު ވެސް އުފުލައިފަ އެވެ

http://sun.mv/7316 

ފުލުހުން ނަހަމަގޮތުގައި ޝީލްޑް ބޭނުން ކުރި ކަމަށް ބުނާ ބައެއް ފޮޓޯ އާންމުވެއްޖެ

އަހުމަދު ނާއިފު

ތަކެތީގެ އަގުތައް ތިރިކުރުމަށް ކަމަށް ބުނެ ޒުވާނުންނާއި އިދިކޮޅު ސިޔާސީ ފަރާތްތަކުން މާލޭގައި މިހާރު ކުރަމުން އަންނަ މުޒާހަރާތައް ރޫޅާލުމުގައި އާންމުންނަށް އަނިޔާވާ ގޮތަށް ފުލުހުން ޝީލްޑް ބޭނުން ކުރާ ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރާ ބައެއް ފޮޓޯ ހާމަވެއްޖެ އެވެ.

"ތަކެތީގެ އަގުމައްޗަށް، ރައްޔިތުން ހަނާވަނީ" އެ ނަމުގައި ޒުވާނުންނާއި އިދިކޮޅު ސިޔާސީ ޕާޓީތަކުން ކުރަމުން އަންނަ ސިލްސިލާ މުޒާހަރާގެ ތެރެއިން އިއްޔެގެ ހުކުރު ނަމާދަށް ފަހު ޖުމްހޫރީ މައިދާނުގައި ބޭއްވި މުޒާހަރާ ރޫޅާލުމަށް ފުލުހުން މަސައްކަތް ކުރަމުން ދިޔައިރު ނަގާފައިވާ ބައެއް ފޮޓޯތަކުން ފެންނަ ގޮތުގައި ފުލުހުންގެ ހިމާޔަތުގައި ބޭނުންކުރާ ޝީލްޑް، ޝީލްޑްގެ ކޮޅު އާންމުންނާ ދިމާލަށް ދިއްކުރި ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރެ އެވެ.

ރޭގެ މުޒާހަރާ ރުޅާލުމުގައި ވެސް ފުލުހުން ޝީލްޑްގެ ކޮޅު އާންމުންނާ ދިމާލަށް ސީދާކޮށްފައިވާ ކަމަށް ބައެއް ފަރާތްތަކުން ވަނީ ބުނެފަ އެވެ.

އޭގެ ފޮޓޯއެއް މިހާރު ވަނީ އެންމެ ބޮޑު އެއް ނިއުސް އެޖެންސީ ބީބީސީގައި ވެސް އާންމުކޮށްފަ އެވެ.

ބައިނަލް އަގުވާމީ އެހެން މީޑިޔާތަކުގައި ވެސް އާންމުވެފައިވާ އެ ފޮޓޯތަކާ ގުޅިގެން ސަން އިން ސުވާލުދެންނެވުމުން ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް މުހަންމަދު ރިޝްވާން މިއަދު ވިދާޅުވީ ފުލުހުންގެ ޝީލްޑްތައް ބޭނުންކުރަނީ ރަޔަޓް ފުލުހުންގެ ނަފްސުގެ ހިމާޔަތަށާއި އަދި އާންމުން ކޮއްޕާ ދުރަށް ޖެއްސުމަށް ކަމަށެވެ.

"މީހުންގެ ގައިގައި ޝީލްޑްއަކުން ނުއެއް ޖަހާނެ. ފުލުހުން ކުރިއަށް ދާއިރު ޝީލްޑްތައް ދަމަމަކުން ނުދެވޭނެ. އެހެންވެ ނަގާފައި ބަހައްޓަމުން ދާނީ. ދެން ފޮޓޯ ނަގާއިރު ކޮންމެ ގޮތަކަށް ވެސް ފޮޓޯ ނެގިދާނެ. އެއެއްޗިހި ނަގާ ބަހައްޓަމުން ދާނީ. މީހުންނާއި ދިމާލަށް ޝީލްޑް ނަގައިގެން ދިއްކޮށެއް ނަހަދާނެ،" ފޮޓޯތަކުން ފެންނަ މަންޒަރުތަކަށް އިޝާރާތް ކުރައްވައި ރިޝްވާން ވިދާޅުވި އެވެ.


ރިޝްވާން ވިދާޅުވީ އިއްޔެ އާއި ރޭގައި ވެސް ފުލުހުން ޝީލްޑް ނަހަމަ ގޮތުގައި ބޭނުންކޮށްފައި ނުވާނެ ކަމަށެވެ.

ފުލުހުން ޝީލްޑް ބޭނުންކުރާތަން ކައިރިން ފެނިފައިވާ އަދި ސިލްސިލާ މުޒާހަރާތަކުގެ އިސްސަފުގައި ހަރަކާތްތެރިވާ ޒެޑް ޑީއާރުޕީގެ ވަގުތީ ރައީސް އަދި ކުރިން ސިފައިންގޭގައި ވެސް މަސައްކަތް ކުރައްވާފައިވާ އުމަރު ނަސީރު މިއަދު ވިދާޅުވީ ފުލުހުން ޝީލްޑް ބޭނުން ކުރަނީ އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްއާ ހިލާފަށް އާންމުންނަށް އަނިޔާވާ ގޮތަށް ކަމަށެވެ.

"ޝީލްޑް މީހުން ކޮއްޕުމަކަށް ބޭނުމެއް ނުކުރެވޭނެ. އެއީ ހަމައެކަނި ވަނުން މަނާ ސަރަހައްދު ބްލޮކްކުރަން ބޭނުންކުރާ އެއްޗެއް. އެކަމަކު ފުލުހުން ޝީލްޑްތައް އަތް މައްޗަށް ނަގައިގެން މީހުންނަށް އަނިޔާވާ ގޮތަށް މި ހަދަނީ. މުޅި އޮޕަރޭޝަން މިދަނީ ގަވާއިދާއި ހިލާފަށް،" މުޒާހަރާތައް ފެށުނު ފަހުން އެތައް ފަހަރެއްގެ މަތިން ފުލުހުން ހައްޔަރުކޮށްފައިވާ އުމަރު ވިދާޅުވި އެވެ.


ފުލުހުން ޝީލްޑް ބޭނުން ކުރަނީ ޕްރޮފެޝަނަލްކޮށް ނޫން ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރާ އިރު، އިއްޔެގެ މުޒާހަރާ ކަވަރުކުރަމުން ދިޔަ މީޑިޔާގެ ފަރާތްތަކަށް ޖިސްމާނީ ގޮތުން ގޯނާކޮށް، ހުރަސްއަޅައި ފޮޓޯ އާއި ވީޑިޔޯ ނެގުމަށް ދަތިކޮށްފައިވާ ކަމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝިއަނުން ވަނީ ބުނެފަ އެވެ. އަދި ސިލްސިލާ މުޒާހަރާތައް ފެށުނު ފަހުން އެކި ރޭ މަތިން ތިން ނޫސްވެރިއަކު ހައްޔަރުކޮށް، ނޫސްވެރިއެއްގެ މޫނަށް ގަސްތުގައި ޕެޕާ ސްޕްރޭ ޖަހާފައިވާ ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ.


ހައްޔަރު ކުރި ނޫސްވެރިން ވަނީ ފަހުން ދޫކޮށްލައިފަ އެވެ.


މިދިޔަ ހަފްތާ ފެށި މުޒާހަރާތައް ފެށިފަހުން އެތައް އާންމުރައްޔިތުންނަށާއި އަދި މުދަލަށް ވަނީ ތަފާތު ގެއްލުންތައް ލިބިފަ އެވެ. އަދި މުޒާހަރާގައި ހައްޔަރުކުރި ބައެއް ފަރާތްތަކާ ދެކޮޅަށް ދައުވާކުރުމަށް ފުލުހުން އަންނަނީ ތައްޔާރުވަމުން ކަމަށް ފުލުހުން ބުނެ އެވެ. 


http://sun.mv/7313 

ދެ މިނިސްޓަރެއްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެފި

އަހުމަދު ނާއިފު

ފިނޭންސް މިނިސްޓަރު އަހުމަދު އިނާޒް އާއި ހޯމް މިނިސްޓަރު ހަސަން އަފީފުގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީސް ހުޅުވުނުހާ އަވަހަކަށް ވައްދާނެ ކަމަށް އިދިކޮޅު ފަރާތްތަކުން މިއަދު ބުނެފި އެވެ.

ދާދިފަހުން މަޖިލީހުން ރުހުން ދީފައިވާ އިނާޒް އާއި އަފީފްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމުގައި އިދިކޮޅު ފަރާތްތަކުން އިސްކޮށް އުޅުއްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް މިއަދު ވިދާޅުވީ އެ ދެ ބޭފުޅުންގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގުމަށް ނިންމަން ޖެހޭ ލިޔެކިޔުންތައް ނިމިފައިވާ ކަމަށާއި މަޖިލީސް ހުޅުވުނުހާ އަވަހަކަށް އެ މައްސަލަ މަޖިލީހަށް ވައްދާނެ ކަމަށެވެ.


"އެ ބޭފުޅުންގެ ކަންތައްތައް ހުރި ގޮތުން އަޅުގަނޑުމެން މިހާރު އިނާޒް އާއި އަފީފުގެ މައްސަލަ މަޖިލީހަށް ވައްދަން ތައްޔާރުވެފައިމިތިބީ. މިހާރު މަޖިލިސް ޗުއްޓީގައި އޮތީމާ މިތިބީ،" އިދިކޮޅު ފަރާތްތައް އިސްވެ ތިބެ ނަގަން މަސައްކަތް ކުރާ އިތުބާރު ނެތް ކަމުގެ ވޯޓާ ގުޅޭ ގޮތުން މަހުލޫފް ވިދާޅުވި އެވެ.


ސަރުކާރުގެ މުހިންމު ދެ ވަޒީރެއްގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގާނެ ކަން ފުރަތަމަ ފަހަރަށް އާންމުކޮށް އިއުލާންކޮށްފައި ވަނީ ޒުވާނުންނާއި ސިޔާސީ ޕާޓީތަކުން އިސްވެތިބެ މިހާރު ކުރަމުން އަންނަ ސިލްސިލާ މުޒާހަރާތަކުގެ ހަ ވަނަ ރޭ، ރޭ އެއްވެ ތިބި މީހުންނާ ވާހަކަ ދެއްކެވި މަޖިލީހުގެ އިދިކޮޅު މެންބަރުންނެވެ.


މަޖިލީހުގެ ފުރިހަމަ އަޣުލަބިއްޔަތަކުން ރުހުން ލިބިވަޑައިގެން ހުންނެވި އައު ފިނޭންސް މިނިސްޓަރު އިނާޒްގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގަން މަސައްކަތް ކުރަނީ ޑޮލަރުގެ އަގު ބޮޑުކޮށް އަދި ކާބޯތކެތީގެ އަގު ބާޒާރުގައި ބޮޑުވުމުން އެ ކަމަށް އިގްތިސޯދީ ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައިނުވާތީ ކަމަށް އިދިކޮޅު މެންބަރުން ވިދާޅުވެ އެވެ.

އަދި ހަނި އަޣުލަބިއްޔަތަކުން މަޖިލީހުން ރުހުން ދެއްވާފައި ހުންނެވި ދާހިލީ ވަޒީރު އަފީފުގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓު ނަގައި މަގާމުން ދުރުކުރަން މަސައްކަތް ކުރަނީ ފުލުހުންނަށް ޣައިރު ގާނޫނީ އަމުރުކޮށްގެން ސުލްހަ ވެރިކަމާ އެކު ޝުއޫރު ފާޅުކުރާ އާންމު ރައްޔިތުންނަށް އަނިޔާކުރާތީ ކަމަށްބުނެ އެވެ.

ކެބިނެޓް ވަޒީރެއްގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގުމަށް މަދުވެގެން މަޖިލީހުގެ 10 މެންބަރަކު ސަބަބު ބަޔާންކޮށް ސޮއިކޮށްފައިވާ ލިޔުމެއް މަޖިލީހަށް ހުށަހަޅަން ޖެހޭނެ އެވެ.


މީގެ ކުރިން ވެސް މަޖިލީހުން ވަނީ ރައީސް ނަޝީދުގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ ގިނަ ވަޒީރުންތަކަކަށް ރުހުން ނުދީފަ އެވެ. އޭގެ ތެރޭގައި ކުރީގެ ބަންޑާރަނައިބު އަހުމަދު އަލީ ސަވާދާއި ކުރީގެ ފިނޭންސް މިނިސްޓަރު އަލީ ހާސިމާއި އަދި ކުރީގެ ފިޝަރީސް މިނިސްޓަރު އަދި މިހާރުގެ އެމްޑީޕީގެ ރައީސް ޑރ. ޑީޑީ ހިމެނިވަޑައިގަންނަވަ އެވެ. 


http://sun.mv/7308